ޕީޕީއެމް/ ޕީއެންސީން މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓޫން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރަށްވަން ފޯމު ހުށައަޅުއްވައިފި އެވެ.

ޕްރައިމަރީގައި ދުންޔާ ވާދަކުރެއްވި ހުޅުމާލެ ދެކުނު ދާއިރާއަށެވެ.

އެހެން ނަމަވެސް އެދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީއަށް ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް މިހާރު ފޯމު ހުށަހަޅުއްވާފައިވާ ކަމަށް ދުންޔާ މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ހުންނާނަން، އިންޝާ ﷲ." ދުންޔާ ވިދާޅުވި އެވެ.

ދުންޔާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލެއްގެ އިތުރުން، ކުރީގެ ރައީސް ޔާމީނަށް ބޮޑުބޭބޭ ވިދާޅުވާ ބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގެ ކުރިން ދުންޔާ ހުންނެވީ މި ސަރުކާރާއެކު ކޯލިޝަން ހަދައިގެން އުޅޭ އެމްއެންޕީގަ އެވެ. ނަމަވެސް ފަހުން ދުންޔާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ޕްރައިމަރީގައި ދުންޔާއަށް ނާކާމިޔާބުވެ ވަޑައިގެންއިރު ޕީއެންސީ/ޕީޕީއެމް ކޯލިޝަން ޕްރައިމަރީގައި 32 އަންހެން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް ޕްރަމަރީ ކާމިޔާބު ކުރެވުނީ އެންމެ އަންހެން ބޭފުޅަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން