އިސްލާމް ދީނާ މި ގައުމުގެ ހައްގުގައި ޝަހީދުވި އަބުޠާލުންގެ ޒިކުރާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ، ދީނާއި ގައުމު އިސްވާނެކަން ކަމަށް ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، އިސްލާމް ދީނާއި ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރެއްވި އެންމެހާ އަބުޠާލުންގެ ޖިހާދުން ނުހަނު މުހިންމު ދަރުސްތަކާ އިބުރަތްތައް ލިބޭ ކަމަށެވެ.

އެގޮތުން އޭގެ އެންމެ މުހިންމު އެއް ފިލާވަޅަކީ، ދިވެހި ދަރިއަކަށް ވަފާތެރިކަމާ އަމާނާތްތެރިކަމާއެކު ދީނާ ގައުމަށް ހިދުމަތް ކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭނެކަން ކަމަށާއި ދެވަނަ ފިލާވަޅަކީ، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަދުއްވުން ކުރިމަތީގައި އިންޗިއެއްވެސް ފަހަތަށް ޖެހިގެން ނުވާނެކަންކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމަށްޓަކައި ޝަހީދުވީ އަބުޠާލުންގެ ދިރިއުޅުއްވުމުން ފިލާވަޅުތައް ހާސިލުކޮށް، އަދުގެ ދިވެހީންނަކީ ވެސް ދީނާ ގައުމުގެ ދިފާއުގައި ގުރުބާންވާން ކެރޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައިވަނީ، މީގެ ކުރިން ކުލަގަދަކޮށް ފާހަގަ ކޮށްފައި ނުވާ މިފަދަ ދުވަހެއް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމެވީތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަ ކުރުމާއި ގުޅޭގޮތުން އެމަނިކުފާނުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ އަލިރަސްގެފާނު ޝަހީދުވި ދުވަސްކަމަށް ތާރީހުން ފެންނާންއޮތް، ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން