ޝަހީދުންގެ ދުވަސްފަދަ މުހިންމު ދުވަސްތައް ފާހަގަ ކުރުމުގެ ގައުމީ ހަރަކާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ސަބަބުން ވަރުގަދަ ދިރުމެއް ލިބޭކަމަށް ސަގާފަތާ ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދަން އެދުމުން، ވަރަށްވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާއި، ވުޒާރާތަކާއި ކުންފުނިތައް ވެސް ހިމެނޭހެން، ގިނަ ހަރަކާތްތަކެއް އިންތިޒާމު ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ކުރިން ނުފެންނަފަދަ ޝައުގުވެރިކަމެއް މިފަހަރު މި ދުވަސް ފާހަގަ ކުރުމުގައި ފެނިގެން ގޮސްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އޭގެ ސަބަބަކީ، ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ރައީސް ޑރ. މުޢިއްޒު ފައްޓަވާފައިވާ މަޝްރޫއު އަދި ގައުމީ ކަންކަމުގައި އެމަނިކުފާނު ދެއްވަވާ އިސްކަންކަމަށެވެ.

އާދަމް ނަސީރު ވިދާޅުވީ، އޭގެ ސަބަބުން، މިފަދަ ހަރަކާތްތަކަށް ލިބިގެންދަނީ ވަރަށް ވެސް ބޮޑު ހަލުވި ކަމަކާއި ވަރުގަދަ ރޫހެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަރަކާތްތަކަށް ވަރުގަދަ ދިރުމެއް ލިބިގެން ދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވަނީ ޝަހީދުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.

"ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިފަދަ ދުވަސްތައް ފާހަގަ ކުރަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި. އޭގެތެރެއިން އެންމެ ކުރުކޮށް ދަންނަވާނަމަ އެ ގައުމެއްގެ ދެމިއޮތުމަށްޓަކައި. އެ ގައުމެއްގެ ސަލާމަތް ރައްކާތެރި ކުރުމަށްޓަކައި." މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވެވަޑައިގެން ދުވަހުގެ ގޮތުގައި ތާރީހުން ފެންނަން އޮތް ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން