ގުޅީފަޅު ބިންހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކީ ދިވެހި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލިގެންދާނެ ދުވަހެއްކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގެ ގޯތި ގެދޮރުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި އަކުރަމް މިއަދު ވިދާޅުވީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ބޮސްކާލިސް އާއިއެކު ވެފައިވާ އެއްބަސްވުން ބުނާގޮތުން، މަސައްކަތް ހުއްޓުވާފައި އޮންނަ ދުވަސްތަކުގައި އެކަމުގެ ގެއްލުމުގެ ބަދަލު ކޮންޓްރެކްޓަރަށް ލިބިދޭންޖެހޭނެއެވެ.

އަކުރަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ، މަސައްކަތް ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ދުވާލަކަށް ގާތްގަނޑަކަށް 3 ލައްކަ ޑޮލަރު ކްލެއިމްސްގެ ގޮތުގައި ކޮންޓްރެކްޓަރަށް ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާގެ ޕޯސްޓްގައިވަނީ އެއީ ނުފޫޒަކުން ކުރި ކަމެއްގެ ގޮތުގައި ވެސް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް، އެއީ ކޮންފަރާތެއްގެ ނުފޫޒަކުން ކުރި ކަމެއްކަމެއް ވިދާޅެއް ނުވެއެވެ.



ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ވަނީ އެ ފަޅު ހިއްކުން މަޑުޖައްސާލަން އަމުރު ކޮށްފައެވެ. އެފަދަ އަމުރެއް ނެރުނުއިރު، އެ ފަޅުން ހިއްކަން ނިންމާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިހާރު ވެސް ވަނީ ހިއްކާ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން