ކީރިތި ޤުރުއާން ހިތުދަސްކުރި 11 އަހަރުގެ އިޒްކާން އަހުމަދު ޝަރީފަށް ރޯދަ މަހު ތަރާވީސް ކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އިޒްކާންއާ އޭނާގެ މައިންބަފައިންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި މި ބައްދަލު ކުރުމުގައި އޭނާއާ މައިންބަފައިންނަށް ވަނީ ހިތްވަރު ދެއްވައިފަ އެެވެ.

އެ ބައްދަލުވުމަށް ފަހު މިނިސްޓަރު މިއަދު އެކްސްގައި ވިދާޅުވީ އިޒްކާން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިންމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށްލުމަކީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށެވެ،

އަދި އެ ބައްދަލުވުމުގައި އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޝާ ﷲ [އިޒްކާންއަށް އިމާމުވެ ތަރާވީސް ކުރުމުގެ] ފުރުސަތު ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެކި ރަށްރަށުގައި އިމާމުވެ ތަރާވީސް ކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ދީފައި ވެއެވެ.

އިޒްކާން މީގެ ކުރިން ވަނީ ގައުމީ ގުރުއާން މުބާރާތްތަކުގައި ވެސް ވާދަކޮށް ރަންވަނަތައް ހޯދައިފަ އެވެ. އޭނާ އަކީ ކޮމްޕިއުޓާ ކޯޑިންއަށް ވެސް މޮޅު ކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން