ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާއިގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކާ ބެހޭގޮތުން ދައުލަތުން ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތް މި މަހު ފަހުކޮޅު ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާމެދު، މަޖިލީހުގެ ގަވާއިދަށް ގެނައި އިޞްލާޙު ބާޠިލުކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުން ކަމެއް ފާސްކުރުމުގައި ޖުމްލަ މެންބަރުންގެ ޢަދަދު ކަމަށް ބަލާނީ 80 ކަމަށް ކަނޑައެޅުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއިސްލާހު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތާ އެކު އެ އިސްލާހަށް އަމަލުކުރުން މަޑު ޖައްސާލަން ވަނީ އަމުރެއް ނެރެފަ އެެވެ. އެކަމަކު ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވަނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށް ރައުޔު ނެރުއްވާފައެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް މި މަހުގެ 25 ވަނަަ ދުވަހު ހެނދުނު 10:00 ގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމުރަށް ތަބާނުވާން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން