ކުރީގެ ސަރުކާރުން ގުޅީފަޅު ހިއްކަން ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުން އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައި އޮތް ގުޅީފަޅު މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން އިއްޔެ ވަނީ ނެރެފައެވެެ. ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް އިޝާރަތް ކުރައްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހައި ކޯޓުން ގުޅިފަޅުގެ މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ.

"ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން،" މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވިދާޅުވީ، ގުޅިފަޅު މަޝްރޫއަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއް ކަމަށެވެ. އަދި ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓު ވަރު މިހާރު ނިމިފައިވާއިރު، އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ގުޅީ ފަޅުގެ 100 ވަރަކަށް ހެކްޓަރު މިހާރުވެސް ވަނީ ހިއްކާ ނިމިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން