ބާ ކައުންސިލްގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ މަގާމު ހުސްވެފައިވަނީ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ މަހުގެ 31ގައި ކުއްލި ގޮތަކަށް އަވަހާރާވުމާ ގުޅިގެންނެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ މީހަކީ، ގާނޫނީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ކައުންސިލްގެ އެޒްކެޓިވް ކޮމެޓީއަށް ކުރިމަތި ލުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލާފައިވާއިރު އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވެސް، ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެވެ.

މީގެ އިތުރުން ވެސް ހިމަނާފައިވާ ބައެއް ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ފާހަގަ ކޮށްލެވެއެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް އެ ކައުންސިލަށް ފޯމް ހުށަހެޅޭނެކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން