ރާއްޖޭގެ މާލީ ހާލަތު ގޯސް ކަމަށް ބުނެ ވާހަކަ ދައްކަނީ ސިޔާސީ ގޮތުން ބަޔަކު މާޔޫސްވެގެން ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާން ނުޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.

ސަރުކާރުގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ. އެކަމާ ގުޅިގެން އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވީ ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭ ހާލަތަށް ނުދާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ކުރިން ލަފާކުރި ވަރަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަކަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން،" ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ބުނެއެވެެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރުމުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ދާދިފަހުން އައިއެމްއެފްގެ ވަފުދެއް ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުން އިއްޔެ ބުނީ އިގުތިސޯދީ އެޖެންޑާއަށް އައިއެމްއެފްގެ އިތުބާރު އޮތް ކަމަށާއި ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފުކުރައްވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިގުތިސޯދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން އައިއެމްއެފުން ހާމަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން