މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު
މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު
ފައިސާ ޗާޕުނުކޮށް ވެސް ދައުލަތް ހިންގައި އިގުތިސާދު ކޮޅަށް ޖެހޭނެކަން މި ސަރުކާރުން ސާބިތުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ މީސް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން މޫސާ ސިރާޖު ވިދާޅުވީ ނިމިދިޔަ ސަރުކާރު ހިފެހެއްޓީ ދައުރު ނިމެންދެން ފައިސާ ޗާޕްކޮށްގެން ކަމަށެވެ، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ވަނީ މިއިން ދުވަހަކު ނުވެއްޓޭ ހިސާބަށް ވެއްޓިފައި ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެހެން ނަމަވެސް މި ސަރުކާރުން އިގުތިސާދު ކޮޅަށް ޖަހާނެ ކަމަށެވެ.

"ފައިސާ ޗާޕްނުކޮށްވެސް ދައުލަތް ހިންގޭނެކަން ދައްކާނެ." ސިރާޖު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ބުނެއެވެެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރުމުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ދާދިފަހުން އައިއެމްއެފްގެ ވަފުދެއް ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރަށްވާފައެވެ. ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފުކުރައްވާފައިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިގުތިސޯދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން އައިއެމްއެފުން ހާމަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން