ރާއްޖެ ބަންގުރޫޓުވެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމަކަށް ރާއްޖެދާން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

"ރަސް" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓު ވެފައިވާކަމަށްބުނެ އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމެއްގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެ ހާލަތަށް ދިވެހި ދައުލަތުގެ މާލީ ހާލަތު ނުދާކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

އެ ވާހަކަތަކަކީ ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން އަވަށްޓެރި ގައުމެއްގެ ނޫސްތައް ބޭނުންކޮށްގެން ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، އެކަމުން އަރައިގަތުމަށް އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން އުޅޭކަމުގެ ވާހަކަތައް ފެތުރިފައިވާތީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ އެކަމަށް ރައްދުދެއްވާފައެވެ.

އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭ ހާލަތަށް ނުދާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ކުރިން ލަފާކުރި ވަރަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށާއި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ރިފޯމް މަސައްކަތްތަކެއް ކުރަނީ ރާއްޖެއިން އަމިއްލައަށް ކަމަށާއި އެހެން ބަޔަކަށް އެކަމުގައި ބަރޯސާވާން ނުޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަކަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން،." ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން