ރާއްޖޭގައި ފަރުމަސްވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ދާއިރާއިން ކުރިއަށް ދިޔުމަށް ކުރަންޖެހޭ އެކިއެކި މަސައްކަތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ލުއިލޯނެއް އިފްތިތާހުކޮށްފިއެވެ.

މި ލުއިލޯނު ތައާރަފު ކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި މިރޭ ށ. ކޮމަންޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ސިޔާމެވެ.

މިރޭ އިފްތިތާހުކުރި މި ލުއިލޯނުގެ ދަށުން އެއްވެސް ރަހުނަކާނުލާ 7 ލައްކަ ރުފިޔާއާއި ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލޯނު ތައާރަފު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ސިޔާމް ވިދާޅުވީ، މިއީ ފަރުމަސްވެރިންނަށް ހާއްސަކޮށް ހުޅުވާލި ފަހި ފުރުސަތެއް ކަމަށާއި، މި ލޯނުގެ ދަށުން، މަސްވެރިކަމަށް ބޭނުންވާ ދޯނި ބަނުމާއި، އެ ކަމަށް ބޭނުންވާ ވަސީލަތް ހޯދުމާއި، އެ ކަން ކޮށްގެން މަސްވެރި އުފެއްދުންތައް އުފެއްދުމަށާއި އޭގެ އިތުރުން، ކުދި އައިސްޕްލާންޓްތައް ގާއިމު ކުރުމަށް ވެސް އެހީ ލިބިގެން ދާނެކަމަށެވެ.

މިރޭގެ ޖަލްސާގައި މިނިސްޓަރު ވަނީ މަސްވެރިންނަށް ނުދެވިހުރި ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. އެގޮތުން، ރަމަޟާން މަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން