އިގުތިސާދީ ހާލަތުން އަރައިގަތުމުން ރާއްޖެ ފަދަ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމުތަކުން އައިއެމްއެފްގެ ޕްރޮގްރާމްތަކަށް ނުދާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ސަރުކާރުގެ މާލީ ހާލަތު ވެއްޓިފައިވާ އަޑިގަޑުން ނެގުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިވާން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ދަރަނީގެ ދަތިކަމުން އަރައިގަތުމަށް ރާއްޖެ ފަދަ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމުތަކުން އައިއެމްއެފްގެ ޕްރޮގްރާމަށް ދާން ނުޖެހޭ ކަމަށެވެ.

ހަމަ އެހެންމެ ސީވީއެފްގެ ގައުމުތަކުގެ ދަރަނި ކުޑަކުރަން ސީވީއެފްގެ ސެކްރެޓޭރިއަޓުން ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން މޫސުމީ ކަންކަމާއި އަދި ކާބަން ޓްރޭޑިން މެދުވެރުކޮށް ދަރަނި ކުޑަކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައިއެމްއެފްގެ ޕެކޭޖަކަށް ނުދާން ރައީސް ނަޝީދު ގޮވާލެއްވި އިރު އެމަނިކުފާނުގެ ވެރިކަމުގައި ވަނީ އައިއެމްގެ ލަފަޔާ އެއްގޮތަށް އިގުތިސާދީ ގޮތުން އަރައިގަތުމަށް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވެފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ މުވައްޒަފުން މަދުކޮށް އަދި މުުވައްޒަފުންގެ މުސާރަތައްވެސް ކުޑަކުރި އެވެ.

އައިއެމްއެފްގެ ޕެކޭޖެކަަށް ދާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ސަރުކާރުން ބުނެއެވެެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ކުރީ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރުމުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ދާދިފަހުން އައިއެމްއެފްގެ ވަފުދެއް ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ އިގުތިސޯދީ އެޖެންޑާއަށް އައިއެމްއެފްގެ އިތުބާރު އޮތް ކަމަށާއި ސަރުކާރުން އަޅަމުންގެންދާ އިސްލާހީ ފިޔަވަޅުތަކަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ތައުރީފުކުރައްވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިގުތިސޯދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން އައިއެމްއެފުން ހާމަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން