ތިން އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ޅ. ފެލިވަރާއި ގއ. ގެމަނަފުށި އައިސްޕްލާންޓު އަދި ގއ. ކޮލަމާފުށި އައިސްޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ފަށައިފައިވާ ކަމަށެވެ.

އަދި އެ ޕްލާންޓްތަކުން މިހާރު އައިސް ދޫކުރަން ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހިދުމަތް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ގއ. ދެއްވަދޫ އައިސްޕްލާންޓު މަރާމާތުކޮށް މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހަދަން ވެސް މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެކަމަށްޓަކައި މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެކްނީޝަނުންގެ ޓީމަކުން އައިސްޕްލާންޓް މަރާމާތުކޮށް، އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްވެރިންނަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. އެގޮތުން މި ސަރުކާރު ފެށިފަހުން މަސްވެރިންނަށް ވަނީ 422 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި ނުދެވި ހުރި 272 މިލިއަން ރުފިޔާ ވެސް ދޫކޮށް ނިންމަން މި ސަރުކާާރުން ވަނީ އަމާޒު ހިފައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން