ފުރަތަމަ ފަހަރަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު، ޤާނޫނު ނަންބަރު 2011/08 ގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ޅ. ހިންނަވަރު، ސަންދުރަ ފާޠިމަތު ދިޔާނާ 2024 ފެބްރުވަރީ 15 ވަނަ ދުވަހު ޢައްޔަނުކުރައްވާފައެވެ.

ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އެވެ. މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެެއް މިމަޤާމަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރެވެ.



މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރެވުނު ފަހަރަށް ވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން، ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ތަފާތުކުރުމެއްނެތި ޝާމިލުކުރުމަށް ތަނަވަސްވެގެން ދިޔަ ފުރުސަތެކެވެ.

ކަސްޓަމްސްގެ ޙިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައިވާ ފާޠިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ. މިވަގުތު ފާޠިމަތު ދިޔާނާގެ އިތުުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި އިތުރު ދެބޭފުޅުން ތިއްބަވައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ވަޙީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން