ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ކުޅިއެއް. ޤުދުތަރީ ގޮދުން އުފެދިފައިވާ ތިން ކުޅި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ހުރެއެވެ. ފޮޓޯ: މާޝާ، ރަސްއޮންލައިން.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ކުޅިއެއް. ޤުދުތަރީ ގޮދުން އުފެދިފައިވާ ތިން ކުޅި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ހުރެއެވެ. ފޮޓޯ: މާޝާ، ރަސްއޮންލައިން.
ފަތުރުވެރިކަމުގެ ސިނާއަތަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަށް ރާއްޖޭގައި އީކޯ-ޓުއަރިޒަމްގެ މަޝްރޫޢުއެއް ފަށަން ނިންމައިފިއެވެ.

މިމަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުރި ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިފައިވާ ތަން ތަން ލިސްޓުކޮށް އެތަންތަނަށް އަމާޒުކޮށް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިމަޝްރޫޢުގެ ދަށުން، ދެމެހެއްޓެނިވި ސިޔާސަތުތަކަށް ސަމާލުކަންދީ، ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން މިންކުރުމަކީ މިމަޝްރޫޢުގެ ދަށުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ. މީގެ ތެރޭގައި، ނާޒުކު އިކޯލޮޖިކަލް ސަރަޙައަދުތައް ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދޭ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުގެ ތެރެއިން، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ފަތުރުވެރިންނަށް ޒިޔާރަތްކޮށް، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން، އީކޯ-ޓުއަރިޒްމްގެ މިމަޝްރޫޢު މެދުވެރިކޮށް ބެލެހެއްޓޭ އަދި ހިމާޔަތްކުރެވޭ މިފަދަ ސަރަހައްދުތަކަކީ، އެތަންތަނުގެ މުހިންމުކަން ރައްޔިތުން ރައްޔިތުންނަށް ބަލައިގަނެވޭ، ރައްޔިތުންނަށް އިޤްތިސާދީ މަންފާ ލިބިދޭ ތަންތަނަށް ހެދިގެންދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި އެސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ ހަރަކާތްތަކުގެ އިތުރުން އެސަރަހައްދުތައް ބެލެހެއްޓުމުގައި އިސްކަންދޭންވީ ކަންކަމާއި، ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި، ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިމަޝްރޫޢުގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށްގެންގޮސް، އީކޯ-ޓުއަރިޒަމް ކުރިއެރުވުމަށް މުޅި ރާއްޖޭގައި ޚާއްސަ ޒޯންތަކެއް މެޕްކޮށް ވަކި ސިޔާސަތުތަކެއް އެކަށައެޅިގެންދާނެކަމަށެވެ. އަދި ޤުދުރަތީ ރީތިކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އީކޯ-ޓުއަރިޒަމް ހިމެނުމުން، ބައިނަލްއަޤުވާމީ ޓްރެންޑެއް ކަމަށްވާ "އިކޯ ކޮންޝަސް ޓްރެވެލް" ގެ ދާއިރާގައި ރާއްޖެއަކީ ލީޑިންގ ޑެސްޓިނޭޝަނަކަށް ވެގެންދާނެކަމަށެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢުއަކީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއި، ޔޫ އެސް އެއިޑްގެ އެހީތެރިކަން ލިބިގެން ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށެވެ. އަދި ހޯމަ ދުވަހު މިމަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހުދުހުދު

19-Feb-2024

ތިޔަ ދަނޑުވެރިކަން އަނެއްކާ ވާނީ ކިހިނެތްބާ? މިހެން މިބުނީ ކަޅުއޮށް ފުންމި ސާފުކުރަން ވީމާ ރޮންދާއަޅާ މަށާލީ....އަހަރަކު އެއްފަހަރު ވާނެ ސާފު ކުރަން މަށާލަން......ބޯގަޅިކަންވެސް ހުންނަންވާނީ ތިޔަހެން.ހެހެހެ



ޓްރެންޑިން