ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.) އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ސިޓީ ކައުންސިލު އިދާރާގައެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ވެފައިވާ އިހުމާލުގެ ބޮޑުކަމުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ އތމ ކޮމެޓީގެ މެންބަރުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަރަށް ތަފްޞީލްކޮށް ދަންނަވަން އެދިވަޑައިގަންނަވާތީ އެ ފުރުޞަތު މި ބައްދަލުވުމުގައި ރައީސް ވަނީ ދެއްވައިފައެވެ. މިގޮތުން ވަކިވަކި ކޮންމެ ކައުންސިލަރަކު އައްޑޫ ސިޓީގެ ހާލަތާ އެދިވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ދައްކަވަން ވަގުތުދެއްވައި އެ ހުރިހާ ވާހަކަފުޅުތައް ރައީސް އަޑުއައްސަވައި ނޯޓްކުރެއްވިއެވެ. މިއީ އައްޑޫ ސިޓީގެ މުޅި ތާރީޚުގައިވެސް ޤައުމުގެ އެންމެ އިސްވެރިޔަކު މިގޮތަށް މި ފުރުޞަތުދެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާކަމަށާއި ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކާއި، ފެނުގެ ޚިދުމަތާއި، އިންޖީނުގެއާއި ކަރަންޓު ވިއުގައާއި، ޕޯޓާއި ބައެއް ބަނދަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރުމާއި އަދި ހުޅުދޫމީދޫގެ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމާއި، މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުންނާއި، ދަނޑުވެރިންނާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމެނޭހެން އައްޑޫސިޓީ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އ.ތ.މ. ކޮމިޓީގެ ފަރާތުން ވަނީ އައްޑޫސިޓީގެ އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އ.ތ.މ. ކޮމެޓީއަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ޚާއްސަގޮތެއްގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަންކަންކަމުގައި ވީއެންމެ ރަނގަޅަށް އެކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އައްޑޫސިޓީގައި މަސައްކަތް ކޮށްދެއްވާނީ އެސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް އިސްކަން ދެއްވައިގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އައްޑޫސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ކައުންސިލާ އތމ ކޮމެޓީއާއެކު މިއަދު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި މުޅި ސިޓީގެ ޙާލަތާ ރައްޔިތުން އެދޭގޮތް އަދި އައްޑޫ ސިޓީގެ މުސްތަޤްބަލުގެ އުންމީދުތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި ހުރިހާ ކައުންސިލަރުންނާ އތމ ކޮމެޓީގެ މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. އަދި އައްޑޫސިޓީގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން އައްޑޫސިޓީ ކައުންސިލުން ވަނީ ރައީސަށް ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން