ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބުމަކީ ގައުމަށް ވެސް އެންމެ އިންސާފުވެރި ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ވެސް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނަށް ވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެކަމަށެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތްތައް މިހާ ދުވަސްވެ، ހުއްޓިފައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ނިޒާމަށް ނޯންނާނެކަމަށެވެ. އަދި މި ސަރުކާރު ފެށުނު ދުވަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާފައި މިވަނީ ވަރަށް ގިނަ ދުވަހަށްފަހުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން