ދައުލަތުގެ ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން އަލުން ފެށި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވައި ދެއްވި ބަޔާނުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ހުރި ގިނަ ވާހަކަތައް ދޮގުކުރައްވާފައެވެ.

އެގޮތުން ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިންގް ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާ ވެސް ނިމިގެން ދިޔަ ސަރުކާރުން ނަގައި މާރުކޮށްލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަތައް ރަޝީދު ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައިވާ ޑޮލަރުން ބައެއް ރުފިޔާއަށް ބަދަލުކޮށްފައިވަނީ ޑޮލަރު އެމްއެމްއޭއަށް ވިއްކާ ފަންޑަށް ރުފިޔާ ޖަމާކޮށް ފަންޑަށް ވަންނަ ޑޮލަރު އެސްޑީއެފް ގެ ބަދަލުގައި ދައުލަތުގެ ރިޒާވަށް ޖަމާކުރަންފެށީ އެމްއެމްއޭގެ ލަފާގެ މަތިން ހީނަރުވެފައިވާ ރާއްޖޭގެ އެކްސްޓާރނަލް ރިޒާވް އިތުރުކުރުމުގެ ގޮތުން." އޭނާ ވިދާޅުވި އެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނި އަދާކުރުމަށް ބޭނުންވާ ޑޮލަރު ސަރުކާރަށް އަނބުރާ ވިއްކާނެކަމުގެ ޔަގީންކަށް ދީފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން