މާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް
މާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއް
އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.

ބީސީސީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ކުރިއެރުވުމުގެ މަގުސަދުގައި އެފަރާތްތަކުގެ ދަފްތަރެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ އުސޫލާ އެއްގޮތަށް ދަފްތަރުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިއީ، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީ ކުރުން ލާޒިމުނުވާ، ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ޤާނޫނުގެ "އެންމެ ކުދި" ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރު ކުރުމަށް ޓަކައި ހުޅުވައިލެވޭ ފުރުސަތެއް ކަމަށް އެ ޢިއުލާނުގައި ވެއެވެ.

ބީސީސީން ވަނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިޢުލާނާއިއެކު ހިމަނާފައިވާ އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް އެދިފައެވެ.

އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުން ދަފުތަރުކުރުމުގެ އުސޫލުގައި ވަނީ، އެ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށް ކަމަށެވެ. އޭގެ އިތުރުން ވަޒީފާގައި ބަޔަކު ނުގެންގުޅޭ އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި އުފައްދައި، 100 ޕަސެންޓު ދިވެހިންގެ ބައިވެރިވުން އޮންނަ ކަމަކަށްވެސް ވާންޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ.

ބީސީސީން މިއަދު ބުނީ އެހެން ގޮތަކަށް އަންގާ އިޢުލާނު ކުރަންދެން އެ ދަފްތަރުގައި ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން