މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ލުއެއް ނުދޭ ކަމަށް ބުނެ އެމްޑީޕީން ފާޑު ކިޔައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން މިއަދު ވިދާޅުވީ މި ސަރުކާރު އިންތިޚާބުވީވެސް ބުހުތާނު ބޮޑު ދޮގު ހަދައިގެން ކަމަށެވެ. އަދި ރައީސްގެ ރިޔާސީ ބަޔާނަކީވެސް ބުހުތާނު ދޮގު ހިމެނިގެންވާ ބަޔާނެއް ކަަމަށާއި އޭގައި ހިމެނެނީ އޮޅުވާލުމާއި ދޮގުތައް ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ވައުދުވެސް ނުފުއްދަވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ހަގީގަތަކީ އެމްޑީޕީ ސަރުކާރުން އެމަނިކުފާނަށް ދެއްވި ލުޔަށްވުރެ އިތު ލުޔެއް އަދި މިއަދާ ހަމައަށްވެސް ލިބިވަޑައިގެންފައި ނުވާކަން." އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ރައީސް ޔާމިން ގެނެސްދެއްވި ސަރުކާރެއް ކަމަށާއި، ނަމަވެސް، ކުރީ ސަރުކާރުން ދިން ލުޔެއް ނޫނީ ލިބިވަޑައި ނުގެންނެވި ކަމަށް ހުދު ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފަ އެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ލުއި ތަކަކާއެކު ގޭބަންދުގަ އެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އިންތިހާބުވެ ޖެހިގެން އައި ދުވަހު ރައީސް މުޢިއްޒުގެ އެދިވަޑައިގެންނެވުމަކަށް ކަމަށް ވެއެވެ.

ގޭބަންދުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވުން މަނާ ނަމަވެސް ރައީސް ޔާމީން ފާޅުގައި އެމަނިކުފާނު އުފައްދަވަން އުޅުއްވާ ޕާޓީގެ ހަރަކާތްތަކުގައި ގެންދަވަނީ އުޅުއްވަމުން ނެވެ. އެ މައްސަލައިގައި މިހާތަނަށް ވެސް ކަރެކްޝަނުން ފިޔަވަޅެއް ނާޅައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބަޗީ

19-Feb-2024

ތިމާމެން އަނިޔާ ދީފައި އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމަކީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިއުން.



ޓްރެންޑިން