ރާއްޖޭގެ ސިޔާސީ ލީޑަރުން އިންސާފުވެރިވާން ޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުަށް ވެރިކަން ކުރަށްވަން ވަގުތު ލިބެންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، މިރޭ ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ، ޒުވާން ޖީލުގެ ވެރިކަމެއް ގާއިމު ކުރުމަށް އެންމެ ވަރުގަދަ މަސައްކަތެއް ކުރި ރަށަކީ ފުވައްމުލަކު ސިޓީ ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމުގައި ފުވައްމުލަކަށް ރަން ދައުރެއް އޮންނާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަން ފެށުނުތާ ވީ 13 ހަފްތާކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ވަރަށް ހިތްވަރާ އަޒުމާ އެކުގައި ރައީސް މަސައްކަތްޕުޅު ކުރައްވަވާ ކަމަށެވެ.

ޝާހީމް ވިދާޅުވީ، ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު 120 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. ބޭރުގެ ދަރަނީގެ އިތުތުން ރާއްޖޭގެ އެކި މުއައްސަސާތައް ވެސް ދަރާފައި ވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގައުމީ ވަހުދަތާއި މިނިވަންކަމަށް ވަނީ ލޮޅުންއަރާފައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެކަންކަމުން ގައުމު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ޒުވާން ވަރުހުރި ވެރިއެއްގެ ވެރިކަން ގުޑުވާލަން މަސައްކަތް ކުރަމުން ދަނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެންމެ 13 ހަފްތާއަކީ އަޒުލުކުރެވޭ މުއްދަތެއް ނޫންކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއަށް އެކަށީގެންވާ ވަގުތު ލިބެންޖެހޭ ކަމަށެވެ. އަދި ޒުވާން ޖީލުގެ ވެރިކަން ދެމެހެއްޓުމަށް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން