އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީގެ މެންބަރުންނަށް އެހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ހުށައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގާނޫނު މިހާރު އޮތްގޮތުން ޑަބްލިޔުޑީސީގެ މެންބަރުންނަކީ ކައުންސިލްގެ މުވައްޒަފުން ނޫން ކަމަށެވެ. އެހެންކަމުން މުވައްޒަފުންނަށް ދޭންޖެހޭ ހައިސިއްޔަތެއް ޑަބްލިއުޑީސީގެ މެމްބަރުންނަށް މިހާރު ނުލިބޭ ކަމަށާއި ކައުންސިލް އެހެން މެމްބަރުންނަށް ލިބޭ ހުރިހާ އިނާޔަތެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް އެ މެމްބަރުން ފާޅުކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ހައްލު ކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑު ވަރަށް ތާއީދުކުރަން ޑަބްލިޔުޑީސީގެ އެ ކަންބޮޑުވުންތައް ހައްލުކުރަން. އޭރު ވެސް މަސައްކަތްކުރިން އެކަމަށް. ސަރުކާރުން މިހާރުވެސް މަސައްކަތްކުރާނަން އިރާދަކުރެއްވިއްޔާ މަޖިލިސް ތެރެއަށް މިކަމުގެ އިސްލާހެއް ހުށަހެޅޭތޯ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަޖިލީހަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންކަން ކޮށްދޭން މަގުފަހިކޮށްދޭ ތަނަކަށް ވާންޖެހޭ ކަމަށެވެެ. އެކަމަށް މަގު ފަހިކުރުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް އިންތިހާބުގައި ހަމަ ޔަގީނުން ވެސް އަޅުގަނޑުމެންނަށް ރަނގަޅު ކާމިޔާބެއް ރައްޔިތުން ދެއްވައިިފިއްޔާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް، އެ ގާނޫނު ބަދަލުކުރާނަން. ބަދަލުކޮށް ޑަބްލިޔުޑީސީތަކަށް މި ދެންނެވި ހުރިހާ އެލަވަންސްތަކާއި ހުރިހާ އިނާޔަތްތަކެއް ލިބޭގޮތަށް ގާނޫނު އިސްލާހުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ފުވައްމުލަކުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރެއްގައި ނޫންކަމަށެވެ. އެހެންކަމުން އެސިޓީގައި ސަރުކާރުން ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ 3 ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް އަލުން ތަރައްޤީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން