ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އައްޑޫގައި އަޅާ ބުރިޖުގެ މަސައްކަތް ނިންމައި ބޭނުންކުރަން ހުޅުވާލާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫއާއި ވަކިން އޮންނަ ހުޅުދޫއާ ގުޅާލަން ހަދާ ބުރިޖުގެ ދިރާސީ މަސައްކަތް މިސްރުގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފައިވާއިރު ރައީސް އިއްޔެ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު ވަޢުދެއްގެ ގޮތުގައި ވެސް އައްޑޫ ސިޓީއަށްވީ ވައުދަކީ ބުރިޖުގެ ވައުދު ކަމަށެވެ. އަދި އިއްޔެ ސޮއި ކުރި އެއްބަސްވުމާއެކު އެކަން ހަގީގަތަކަށް ހެދެމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އައްޑޫ ބުރިޖު ފަދަ އުނދަގޫ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދާއިރުގައި، ވަރަށް ތަފްސީލުކޮށް ދިރާސާތައް ހަދަންޖެހޭނެ ކަމަށެވެ. އެގޮތުން ކަނޑުއަޑީގެ ތަފްސީލުތަކާއި، އިންޖިނިއަރިންގ ޑިޒައިނާއި، އެ ހުރިހާ ކަމެއް ވެސް އޭގައި ހިމެނޭ ކަމަށެވެ.

"މިހާ ދިގު ބުރިޖެއް އަދި ރާއްޖޭގެ ތާރީޚުގައިވެސް ހެދޭނެ އެންމެބޮޑު ބުރިޖު މި ހެދިގެން މިދަނީ. މިހާތަނަށްވެސް އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ރާއްޖެއަކު މިއަށްވުރެ ބޮޑު ބުރިޖެއް ނެހެދޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންދާޒާއަކީ، ގާތްގަނޑަކަށް ތިން އަހަރާއި ބައި، ހަތަރު އަހަރު ތެރޭގައި ބުރިޖުގެ މަސައްކަތް ނިންމުން ކަމަށެވެ. ނޫންނަމަ އެންމެ ގިނަ ވެގެން ހަތަރު އަހަރު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމައި، މި ސިޓީގެ ރައްޔިތުން ހިތަދޫން ހުޅުމީދުއަށް، ހުޅުމީދޫއިން ހިތަދުއަށް މުޅި ސިޓީއެކީ ގުޅި ލާމެހިގެން ގޮސް ދަތުރުކުރާ ތަން ފެނިގެންދާނެ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން