އަމާޒަކީ ސަބްސިޑީއަށް ބަރޯސާ ނުވާ ވަރަށް ތިން އަހަރު ތެރޭ މިފްކޯ ތަރައްގީ ކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ މަސްވެރިކަމަކީ ވެސް ވިޔަފާރިއަށް ކުރާ ކަމެއް ކަމަށާއި އަދި ބައެއް ފަރާތްތަކުން ދެތިން ދޯނި ބަނދެގެން އުޅޭ ކަމަށާއި އަދި އެ ދޯނިތަކަށް ވެސް ސަބްސިޑީ ލިބޭ އިރު ތާ އަބަދަށް ސަބްސިޑީދީގެން އެކަން ކުރެވިދާނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ އެ ވާހަކަތަކަކީ ރަނގަޅު ވާހަކައެއް ކަމަށާއި އަދި ބައެއް ފަހަރު ނޫފުލޭ ބުރައަކަށް ސަބްސިޑީ ވަމުންދާ ކަމަށެވެ.

ހަމަ އެހެންވެ ދުނިޔޭގެ މާލީ އިދާރަތަކުން ވެސް ލަފާ ދެނީ ސަބްސިޑީއަށް ބަރޯސާ ނުވުމަށްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންވެ އެކަމަށް ޕްލޭނެއް އެބައޮތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ ސަބްސިޑީއަށް ބަރޯސާ ނުވާ މިންވަރަކަށް މިފްކޯގެ ހިންގުން ކުރިއަށް އޮތް ތިން އަހަރު ދުވަސް ތެރޭގައި ގެނައުން" މިނިސްޓަރު ވިދާޅުވި އެވެ.

އެ އަމާޒަށް ދިއުމަށް މިހާރުވެސް މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެ އަމާޒަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އެ ގައުމުތަކުގެ ޕްރައިމަރީ އިންޑަސްޓްރީ ހިފެހެއްޓުމަށްޓަކައި އަދި އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާމްދަނީ ނުކެނޑި ހިފެހެއްޓުމަށްޓަކައި ސަބްސިޑީ ދީގެން އެފަދަ އިންޑަސްޓްރީތައް ހިފަހައްޓަމުންދާތަން އެބަ ފެނޭ." ވަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަބްސިޑީއަށް ބަރޯސާ ނުވެ ހިންގޭނެ މޮޑެލްތައް އެބަ ހުރި ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން