އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި ސަބަބު އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

ރާއްޖޭގެ އުތުރުގެ އިކޮނޮމިކް ޒޯން ސަރަހައްދުގެ ތެރޭގައި އުޅުނު ރާއްޖޭގެ ތިން ދޯންޏަކަށް އިންޑިއާ ސިފައިން އެރީ މިދިޔަ މަހުގެ 31 އަދި މި މަހުގެ އެއްވަނަ ދުވަހު އެވެ.

އެހެންވެ އެކަން ހިނގިގޮތް މިހާރު ސާފުވެއްޖެތޯއާއި އަދި މަސްވެރިންނަށް ވެސް އެކަން ސާފުކޮށްދެވިއްޖެތޯ އިމްތިޔާޒް މިއަދު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު މިއަދު ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު އަދިވެސް ނުލިބޭ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ސާފުކޮށްލާނަން އެއީ ކީއްވެ ހިނގައިދިޔަ ކަމެއްތޯ، ގުޅުން ހުރި ވުޒާރާތަކުން ސާފުކޮށްލާފައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިއްސާކުރާނެ ވާހަކަ ދަންނަވަން،" އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރ ނުދެއްވަ އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި އޮތް ދިވެހި މަސްއޮޑިއަކަށް އިންޑިޔާ ސިފައިން އެރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ އިންޑިޔާ ސިފައިން ދިވެހި މަސްދޯނި ތަކަށް އެރި މައްސަލަ ކުށްވެރިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން