ރައްޔިތުން ބޭނުންވާގޮތަށް ގދ. ފަރެސްމާތޮޑާ ބިންހިއްކުން ތާވަލުކޮށް ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާގެ ތަރައްގީއަށް މުހިންމު ކަންކަން ހުރިކަމާއި، އަދި މައިގަނޑުގޮތެއްގައި ބަނދަރުގެ ޖާގަ އިތުރުކުރުމާއި، ބިންހިއްކުން މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ބިން އިތުރުކުރުމަށް ބަޖެޓުގައި ފައިސާ އިތުރުކޮށްފައިވާނެކަމަށާއި، ރައްޔިތުން ބޭނުންވާގޮތަށް ގދ. ފަރެސްމާތޮޑާ ބިންހިއްކުން ތާވަލުކޮށް ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ބިން އިތުރުކުރުމަކީ މިހާރު ކުރަން ޖެހިފަ ހުރި ކަމެއް. އެކަމަށްވެސް ބަޖެޓުގައި ކޮންމެވަރަކަށް ފައިސާ ހިމެނިފަ ހުރީ" ރައީސް ވިދާޅުވިއެވެ.

ބިން މި ބޭނުންވަނީ މައިގަނޑުގޮތެއްގައި ގެދޮރުވެރިކަމަށް، ދެން އިގުތިސާދީ ބޭނުންތަކަށް. ގެދޮރުވެރިކަމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ސިޔާސަތު. އެސިޔާސަތުގެ ދަށުން މިރަށުގަވެސް އެއީ އަޅުގަނޑުމެން ކުރިއަށް ގެންދާނެކަމެއް."

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް މިފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ޓާގެޓަށް ވާސިލްވާން މަސައްކަތްކުރާނެކަމަށެވެ. އެހެންކަމުން ފަރެސްމާތޮޑާގައި ވެސް ބިންހިއްކައިގެން ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިނޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މަސްވެރިކަމަށް ބޭނުންވާ އެކިކަހަލަ ބޭނުންތަކަށާއެކު ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބަޖެޓުގައި ފައިސާ ހިމެނިފައިވާކަމަށާއި، މިމަސައްކަތް މިނިސްޓްރީން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން