މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ތ. ފުނައްޑޫ ކުޑަ ހަރަދަކުން އޮޕޮަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ،

ކުރީގެ ސަރުކާރުން ފުނައްޑޫ މިފްކޯއާ ހަވާލުކުރީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް އެ ރަށް ތަރައްގީ ކުރަން ނެގި ލޯނެއް ނުދެއްކިގެން އެ ރަށް ތަރައްގީ ކުރުމުގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި އެ ރަށް އޮޕަރޭޝަނަށް ގެންނަން އެތައް މިލިއަން ރުފިޔާ އިންވެސްޓް ކުރަން ޖެހޭނެ ކަމަށެވެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ފުނައްޑޫއިން މަސް ގަންނަން ފަށާނީ ކޮން އިރަކުންތޯ މިނިސްޓަރު ޝިޔާމާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު މިއަދު ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިފްކޯއެކޭ އެއްފަދައިން މިނިސްޓަރު ވެސް ފާހަގަ ކުރެއްވީ އެކަމަށް ދާ ބޮޑު ހަރަދެވެ.

އެގޮތުން ކުރީ ސަރުކާރުން ހަދާފައިވާ ދިރާސާތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް 157 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ވުޒާރާއާ ހަވާލުވީ ފަހުން ފިޒިކަލީ އަޅުގަނޑު އެތަނަށް މީހުން ފޮނުވައިގެން ބެލިބެލުމުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ފުނައްޑޫ މިއަށްވުރެ ހޭދަކުޑަކޮށް އޮޕަރޭޝަނަށް ގެނެވެނޭކަމަށް ގަބޫލުކުރެޥޭތީއާއެކު މިހާރު ވުޒާރާގައި އަޅުގަނޑުމެން އިންޓާނަލީ މިކަމުގައި މަސައްކަތް ކުރާކަމުގެ މައުލޫމާތު ދަންނަވަން. މިކަމުގެ އިތުރު ފީސިބިލިޓީއެއް މިހާރު ހަދަމުންދާ ވާހަކަ ދަންނަވަން." މިނިސްޓަރު ވިދާޅުވި އެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން