ރައީސް ގދ. ގައްދޫގައި-- ފޮޓޯ/ ރައީސް އޮފީސް
ރައީސް ގދ. ގައްދޫގައި-- ފޮޓޯ/ ރައީސް އޮފީސް
ގދ. ގައްދޫއާއި އެ ރަށާ ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް އެއްގަމުން ގުޅުވާލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ގައްދޫއަށް މިއަދު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ގައްދޫގެ ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓްގެ ތަރައްގީއަށް އިތުރު ކަންކަން ކުރަން ޖެހޭނެ ކަމަށެވެ.

އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައިވެސް ވައުދުވެވަޑައިގެންނެވި ކަަމަށް އެަމަނިކުފާނު ވިދާޅުވި އެވެ.

"އެ އެއާޕޯޓާ މިރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެގޮތަށް ގުޅާލަން ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކުވެސް އެ އިންތިޒާރަށް ނިމުމެއް ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މާވަރުލު އެއާޕޯޓް އޮންނަ ރަށާއި ގައްދޫ އޮންނަނީ އެއް ފަޅެއްގަ އެވެ. އަދި ދެ ރަށުގެ ދެމެދުގައި 3.5 މޭލު ހުރެއެވެ. އެ ދެ ރަށް ކޯޒްވޭއަކުން ގުޅާލަން މީގެ ކުރިން ވެސް ރައްޔިތުން އެދިފައި ވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގދ. އަތޮޅަށް ޓޫރިޒަމްވެސް ފުޅާވާން ޖެހޭ ކަމަށާއި އަދި އަތޮޅު ތަރައްގީއަށް އިތުރު ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

ހަމަ އެއާއެކު އެ އަތޮޅަށް އިތުރު ފްލައިޓްތައް ވެސް ގިނަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް ވީހާވެސް ގިނަ ފްލައިޓްތަކެއް އެޅުމުގެ މަސައްކަތް ކޮށްދީ އިރާދަ ކުރެއްވިއްޔާ މިހާރަށްވުރެ ރަނގަޅު އެއާޕޯޓަކަށް ވީހާވެސް ގިނަ ދަތުރުތައް ކުރެވޭ ފެންވަރު ރަނގަޅު އެއާޕޯޓަކަށް މާވަރުލު އެއާޕޯޓް ހަދައިދޭނަން." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން