އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނުހިމެނޭކަމަށް ބުނެ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. މިރިޕޯޓުތައް ބުނާގޮތުން އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރަން ހާއްސަ ހުއްދައެއް ދޫކޮށްފައިވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރައިން، ބޫޓާން އަދި ނޭޕާލަށެވެ.

މިކަމާ ގުޅިގެން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެމުން އެސްޓީއޯއިން ބުނީ އެކުންފުންޏަށް އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އެގޮތުން ކުރިއެކޭވެސް އެއްފަދައިން އެސްޓީއޯއިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށް އެކުންފުނިން ޔަގީންކަން ދީފައިވެއެވެ. އަދި ފާއިތުވި ދެމަހުގެ މާކެޓް ޓްރެންޑަށް ބަލާކަމުގައިވާނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު ތިރިވަމުން ދާކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ކުރިއަށްއޮތް ރަމަޟާންމަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން