ރާއްޖެއިން ބާލަނީ އިންޑިޔާ ސިފައިން ނޫން ކަމަށާއި ހަމައެކަނި ބާލަނީ އެމީހުން ލައިގެން ތިބި ޔުނީފޯމް ކަމަށް އެމްޑީޕީގެ ރައީސް، އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއިން ބާލަނީ އިންޑިޔާ ސިފައިން ނޫން ކަމަށެވެ. އަދި ހަމައެކަނި މި ސަރުކާރުން ބާލަނީ ސިފައިން ލައިގެން ތިބި ޔުނީފޯމް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިޔެކިޔުމުން ފެންނަ ގޮތުގައި މިބޭފުޅުން ވެރިކަމަަށް ވަޑައިގަތީ ސިފައިން ބާލަން، ކިހިނެއްތޯ ނެތްބަޔަކު ބޭލޭނީ؟ މިހާރު ކުރައްވަން ނިންމަވައިގެން ލިޔެކިޔުމުން އަޅުގަނޑުމެންނަށް ފެންނަގޮތުގައި މިތާ ތިބި މީހުންނެއް ނޫން ބާލަނީކީ, އެމީހުން ލައިގެން ތިބި ގަމީސް ބާލަނީ ހެދުން ބާލަނީ، އެ ބާލާފައި އެ ނުފުށުން ލީމަ ދެން އެއީ އެމީހުންނެއް ނޫން، މި ސަރުކާރުން ހީކުރަނީތޯ ދިވެހި ރައްޔިތުންނަކީ ހުސްބުޅީގައި ގަންނާނެ ބައެއް ކަމަށް، ހުސްބުޅީގައި ދިވެހި ރައްޔިތުން ނުގަންނާނެ،" މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އުތުރުތިޅަފަޅުގައި އިންޑިޔާގެ ހަތިޔާރު އެޅި ސިފައިން ތިބި ކަމަށް މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ކެމްޕޭން ތެރޭގައި ބުނަމުންދިޔަ ކަމަށާއި އެއިން އެއްވެސް ސިފައިންގެ މީހަކު މި ސަރުކާރަށް މިހާތަނަށް ރައްޔިތުންނަށް ދެއްކިފައިނުވާ ކަމަށެވެ. އަދި މިސަރުކާރަށް 100 ދުވަސް ވާން ގާތްވެފައިވާއިރު ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިޔާ ސިފައިންގެ އަދަދު ވެސް ހޯދިފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާއާއެކު ރައީސް ސޯލިހްގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެ ކަމަށް މި ސަރުކާރުން ބުނަމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުގެ ލިޔެކިޔުންތައް ވެސް މިހާތަނަށް ރައްޔިތުންނަށް ދައްކާފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މިހާރު ސަރުކާރުން އިންޑިއާއާއެކު އެއްބަސްވާ ލިޔުންތައް ވެސް ހާމަކޮށްފައިނުވާ ކަމަށާއި އެކަންކަމުގެ ސައްހަ މައުލޫމާތު ވެސް ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން