ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލުން އެދުނު ކަންކަމަށް ސަމާލުކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ގެމަނަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށަކީ މަސްވެރި އޮޑިދޯނިފަހަރު ގިނަ ރަށެއްކަން ފާހަގަކޮށް ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މަގުހެދުމުގެ މަސައްކަތް އަވަސްކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު އިތުރު ކަންކަން ކައުންސިލުން ފާހަގަ ކުރިއެވެ.

މި ބައްދަލު ވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެކޮމިޓީގެ ކުރިއެރުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް ފާހަގަ ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދުނު ކަންކަމަށް ސަމާލުކަންދެއްވައި ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން