ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުންއޮތީ މިއަދު ގއ. ކޮނޑޭ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު އިތުރަށް ބޮޑުކުރަން ބޭނުންވާކަމަށާއި ބޯހިޔާވަހިކަމަށް ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުންވެސް ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިޔަށްގެންގޮސް ކުދި ޓެސްޓްތައް ހެދޭވަރަށް ލެބޯޓްރީގެ ޚިދުމަތް ތަރައްޤީކުރުމާއި ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ކަރަންޓް ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިކަންކަމުގެ އިތުރުން، ފެނާ ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން އެދޭ ބަދަލުތަކާއި ރަށުގެ އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު އިތުރުކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދަނޑުވެރިކަން ޤައުމީ ފެންވަރެއްގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވައި އެމަސައްކަތް ކުރުމުގައި ރާއްޖޭގައި އެމަސައްކަތް ކުރެވޭނެ ބިން އޮތް ރަށްރަށަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި ލޯކަލް ޓުއަރިޒަމް ސިންދަފާތުކޮށް އެކިދާއިރާއަށް އަމާޒުކޮށް ތަރައްޤީކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ސަމާލުކަންދެއްވައިގެން ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން