ވ. ފުލިދޫ ފާލަން ރަށާ ވަކިވެ، ލަފާ ފުރުމަށް ދިމާވެފައިވާ ދަތި ހައްލުކުރުމަށް އެ ރަށަށް އެމްޓީސީސީގެ ޓީމެއް ހޮނިހިރު ދުވަހު ދަތުރުކުރަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ފުލިދޫ ކައުންސިލުން މިއަދު ވަނީ، އެ ރަށުގެ ފާލަން ރަށާ ގުޅުނު ހިސާބުން ގިރާލައިގެން ރަށާ ވަކިވެފައިވާ ކަމަށާއި އެހެންކަމުން ޖެނުއަރީ މަހުން ފެށިގެން އެ ރަށަށް އަރާ ފޭބުމުގެ ކަންކަން އޮތީ ވަރަށް ދަތިކޮށްކަމަށް ބުނެފައެވެ.

ހާއްސަކޮށް އޭގެ ސަބަބުން، އާންމު ރައްޔިތުން ރަށު ބަންދުގައި ތިބެންޖެހުމުގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އޭގެ ދަތިކަން ކުރިމަތިވެ ވިޔަފާރިވެރިންނަށް ވެސް ވަރަށް ބޮޑަށް ދަތިވަމުންދާކަމަށް ވަނީ ކައުންސިލުން ބުނެފައެވެ.

އެއާއި ގުޅިގެން ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، ފުލިދޫ ރައްޔިތުން އަރާފޭބުމަށް ދިމާވެފައިވާ ތަކުލީފުތައް ހައްލު ކޮށްދިނުމުގެ ގޮތުން، އެމްޓީސީސީގެ ޓީމެއް ހޮނިހިރު ދުވަހު އެ ރަށަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ކޮންސްޓްރަކްޝަން މިނިސްޓްރީން ދީފައިވާކަމަށެވެ.

އަދި އެރަށު ރައްޔިތުންނަށް ދިމާވެފައިވާ އެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް ދާގޮތް ލޯކަލް ގަވަރނަންސް މިނިސްޓްރީން ގާތުން ބަލަމުން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 277 މީހުން ދިރިއުޅޭ ފުލިދޫއަކީ އާންމުކޮށް ދިވެހިންގެ އިތުރުން ގިނަ ފަތުރުވެރިން ވެސް ޗުއްޓީ ހޭދަކޮށްލުމަށްދާ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން