ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމާއި މެދު މި ސަރުކާރަށް އިންސާފު ގާއިމްނުކޮށްދެވުނު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ތ. ތިމަރަފުށީ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަތުހުﷲ ޖަމީލުގެ ކެމްޕޭނު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕިއެމަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ކަންވެގެންދާނެ ގޮތް މީގެ ކުރިން ރައްޔިތުން ދެކެފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ޕީޕިއެމްގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީ ލިބުމުން ފެނިގެންދިޔައީ ހުދުމުހުތާރު ވެެރިކަމެއް ކުރި މަންޒަރު ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕިއެމްގެ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ހުރިހާ މުވައްސަސާތަކެއް ސަރުކާރުގެ ބާރުގެދަށައް ގެނައި ކަމަށެވެ. އަދި ސަރުކާރާއި ދެކޮޅަށް މަޖިލީހުގައި ވާހަކަ ދައްކަވާ މެމްބަރުން ހިފާ ހައްޔަރުކޮށް ޖަލަށްލައި މަޖިލީހުގައި ތަަޅު އެޅުވި ކަމަށް ސޯލިހް ވިދާޅުވިއެވެ.

"ސްޕުރީމް ކޯޓަށް ވެގެންދިޔަ ގޮތް ތިބޭފުޅުން ބައްލަވާ، ރޭގަނޑު ދަންވަރު ފުރާޅުން ޓިނުނަގައިގެން އުއްތަމަފަނޑިޔާރު ގެންގޮސް ކުޑަގޮޅިއަށްލީ، މިއީ ބާރުތައް އެބޭފުޅުންނަށް ލިބުނީމަ ކަންކުރެވިފައި އޮތް ގޮތް، މިއަދު ވެސް އެ ތިއްބެވީ އެބޭފުޅުން ހަމައެކަނި އޭގެ މަދީ އެންމެ ބޭފުޅެއް. އެބޭފުޅާ އާއި ދޭތެރޭ ވެސް މިހާރު އެ އުޅެނީ އިންސާފު ގާއިމް ނުކުރެވިގެން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތައް ބަލައިގަންނަ ބައެއް ނޫން ކަމަށެވެ. ސަރުކާރުން ގެންދަނީ ރައްޔިތުންގެ މަޖިލީހަށް ގޮންޖަހަމުން ކަަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ބޭނުންވަނީ އެހެންވެގެން ކަމަށް ސޯލިހް ވިދާޅުވިއެވެ.

ޔާމިން އާއި މެދު އިންސާފު ގާއިމް ނުކުރެވުނު ކަމަަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ސޯލިހްގެ ވެރިކަމުގައެވެެ.

ޔާމިންގެ މައްޗަށް އޭރު އިއްވީ "ހަރާމް" ހުކުމެއް ކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެެވެ. ރައީސް މުޢިއްޒު ވެރިކަމަަށް ވަޑައިގަތީ ރައީސް ޔާމިން މިނިވަންކުރައްވާނެ ކަމުގެ ވައުދާއެކުއެވެ. އެހެން ނަމަވެސް ޔާމިން މިހާތަނަށް ވެސް މިނިވަން ކުރައްވާފައިނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެމަނިކުފާނު މިހާރު ވަނީ ސަރުކާރާއި ޚިޔާލު ތަފާތުވެ ޕީޕިއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތް ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން