ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ތައިލެންޑްގެ ޕޭން ޕެސިފިކް ކުންފުންޏާ ހަވާލުކުރީ ކުންފުނީގެ ގާބިލުކަން ބެލުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ތިނަދޫގައި ބައިނަލްއަޤުވާމީ އެއާޕޯޓެއް ތަރައްގީ ކުރަން ހަވާލުކުރީ ރައީސް ޑރ، މުހައްމަދު މުއިއްޒު ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ނަމަވެސް އެ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކުރި ކުންފުނީގެ ގާބިލުކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން ނެވެ.

އެކަމާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއުގައި ސޮއިކުރީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޕެސިފިކް ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ހަތަރު ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސެންޖާ އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ގާއިމް ކުރުމަށް ކަމަށެެވެ. އަދި މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި ފްލައިން ސްކޫލެއް އެޅުމަށް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއި ކުރެވޭނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށް ފަހު، ބަލަން ޖެހޭ އެންމެހައި ކަންތައްތައް ބަލައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ތިނަދޫ ސިޓީގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ވައިގެ ބަނދަރުގެ ޓަރމިނަލްއަކީވެސް އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށާއި އަދި އެއީ މުޅި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅިގެންދާ ބާރަކަށްވެސް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން