ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރެއް ހިންގަން ނޭނގޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރެއް ހިންގަން ނޭނގޭ ކަމަށާއި ފައިސާ ގެންގުޅެން ވެސް ނޭނގެނީ ކަމަށެވެ. ސަރުކާރެއް ހިންގާއިރު އިސްކަންދޭ ތަރުތީބުތަކެއް ހުންނަންޖެހޭނެ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރަން ފެށި ކަމަކީ ވެރިން ދުއްވާނެ ކާރުތަކެއް ހޯދުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސާލިޙު ވިދާޅުވީ އިގްތިސާދު މެނޭޖްކުރުމަށް ހާރިޖީ ސިޔާސަތަކީ ވެސް މުހިއްމު އެއްޗެއް ކަމަށެވެ. ދައުލަތަށް މިއަދު އިތުރަށް ފައިސާ ބޭނުންވާއިރު ބޭރުގެ ފަރާތްތަކާ ވާހަކަދައްކައިގެން ފައިސާ ހޯދަންޖެހޭ ކަމަށްވެސް ސޯލިހް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ހިތުހުރި ޕްރޮޖެކްޓުތައް އިއުލާން ކުރަމުންދާނަމަ ގައުމު ވެއްޓޭނީ ފުން އަނދިރި ވަޅުގަނޑަކަށް ކަމަށްވެސް ސޯލިހް ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން މުޅިން އަރައިގަތުމަށް ގާތްގަނޑަކަށް ދެއަހަރު ނަގާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ސަރުކާރުން އިލެކްޝަން ކޮމިޝަންގެ މައްޗަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަން ސަރުކާރުގެ ނުފޫޒު ތަކުން ދުރަށް ދާންޖެހޭ ކަމަށް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރައްޔިތުންނަށް ފުރިހަމަ އަށް ބައިވެރިވެވޭ ގޮތަށް ބާއްވައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

"އަޅުގަނޑު އިލެކްޝަން ކޮމިޝަނަށް ދަންނަވާނީ ސަރުކާރުގެ ނުފޫޒުން ދުރަށް ޖެހިވަޑައިގަންނަވާށޭ، ތިއީ އަޅުގަނޑުމެން އައްޔަންކުރި ބޭފުޅުން ކަންކުރަށްވާނެ ގޮތެއް ނޫން. މިނިވަންކަމާއެކު ސިޔާސީ ޕާޓީތަކުން އެދޭގޮތަށް ރައްޔިތުންނަށް ފުރިހަމަ އަށް ބައިވެރިވެވޭގޮތަށް ރޯދަމަހަށް އިންތިހާބު ފަސްކޮށްދެއްވާށޭ، ރައީސް ޑރ. މުއިއްޒަށް އަޅުގަނޑު ގޮވާލާނީ ރައްޔިތުންގެ މިއަޑު އައްސަވާށޭ، މަޖިލީހުގެ އަޣުލަބިއްޔަތުންނޭ މި ބިލް ފާސްކޮށްފައިވަނީ. ދެން ފޮނުވިއަސް ފާސްކުރަންޖެހޭ އަދަދަށް މިހާރު ފާސްކޮށްފައި އެ އޮތީ އެ ނަމްބަރާއެކީ. ލަސްނުކުރަށްވާށޭ އެހެން ނޫނީ ރައްޔިތުން އަދިވެސް މިހާރަށް ވުރެ ބޮޑަށް މިސަރުކާރާއި މެދު ނަފްރަތު އުފެދިގެންދާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެދުވަސް ރޯދަމަހުގެ ދުވަހަކާއި ދިމާވާތީ މަޖިލިހުން މިހާރު ވަނީ ގާނޫނަށް އިސްލާހެއް ގެނެސް ރޯދަމަހު އިންތިހާބު ނޫބާއްވާ ގޮތަށް ނިންމައިފައެވެ.

އެގޮތުން ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލީހުގެ އިންތިޚާބު ބާއްވާ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ފާސްކޮށް، ބިލު ތަސްދީގު ކުރަން ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެކަމަކު، މިހާތަނަށް ރައީސް އެ ބިލް ތަސްދީގުކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން