ދިވެހިރާއްޖޭގައި ހިންގާ ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖުމްލަ 326 މިލިއަން ޖަޕާނު ޔެން (ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރު) ގެ ހިލޭ އެހީތެރިކަން އިތުރުކޮށްދިނުމަށް ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރާއެކު ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިވެހި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު ޓަކެއުޗީ މިޑޯރީ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ޕްރޮޖެކްޓް (ޑީޓީޓީބީ) އަކީ ރާއްޖެއަށް މުހިންމު ޕްރޮޖެކްޓެއްކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން މިއެއްބަސްވުމާއިއެކު ލިބިގެންދާނެ އިތުރު މާލީ އެހީތެރިކަމުގެ ސަބަބުން މި މަޝްރޫއުގެ އަސްލު އަމާޒަށް ވާސިލުވުމަށް މަގުފަހިވެ، މި މަޝްރޫއު ކާމިޔާބުކަމާއެކު ހާސިލްކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެފައިވެއެވެ.



މިއަދުގެ އެއްބަސްވުމާއިއެކު، މިނިސްޓަރު ޒަމީރު ވަނީ ޖަޕާނުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމުގައި މި އެއްބާރުލުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި ޖަޕާނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤުދުރަތީ ކާރިސާއެއް ދިމާވާ ޙާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން