ދިވެހިރާއްޖެއަކީ މާގިނަ ވަސީލަތްތަކެއް ނެތް ގައުމެއް ނަމަވެސް ތިމާވެށްޓަށް ހެޔޮއެދޭ ކަންތައްތައް ކުރުމުގައި ކުރިއަރާފައިވާ ޤައުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިމަހުގެ 21 އިން 23 އަށް އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ކުރިއަށްދާ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީ (އޭ.ޕީ.އޭ.) ގެ 14 ވަނަ ޕްލީނަރީ ސެޝަންގައި މިއަދު ތަޤްރީރުކުރައްވަމުންނެވެ.

އޭޝިޔާ ސަރަޙައްދުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ސަރަޙައްދީ އެއްބާރުލުން ދިނުމާ ގުޅޭގޮތުން ބަހުސްކުރެވުނު މަޢުޟޫޢަށް ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގައި ޒަމާނުއްސުރެ ބޭނުންކުރަމުންދާ ދޮށީގެ މަސްވެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސަރަޙައްދުގެ އެހެން ޤައުމުތަކުންވެސް ދެމެހެއްޓެނިވި މަސްވެރިކަން ކުރުމުގެ އުސޫލު ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރުގައި މޫސުމަށް އަންނަ ބަދަލުތައް ހަލުވިކަމުންނާއި ބޮޑުކަމުން ރާއްޖެއަކީ ވަރަށް ބޮޑެތި ގެއްލުން ވެދާނެ ޤައުމަކަށްވާތީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިންގާ މަޝްރޫޢުތަކަށް ފައިސާ ލިބުމުގައި ލަސްވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖެއަކީ މާގިނަ ވަސީލަތްތަކެއް ނެތް ނަމަވެސް ތިމާވެށްޓަށް ހެޔޮއެދޭ ކަންތައްތައް ކުރުމުގައި ކުރިއަރާފައިވާ ޤައުމެއްކަމަށް ފާހަގަކުރައްވިއެވެ. މިގޮތުން، ފާއިތުވެދިޔަ 5 އަހަރުތެރޭ ފުރަތަމަ ފަހަރަށް ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާއާއި، އަދި ކުނި މެނޭޖްކުރުމާ ގުޅޭ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން މަސައްކަތް ކުރަމުންދަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ގެއްލުން ހުރި އެއްވެސް ގޭހެއް ނުއުފެއްދުމާއި ކުނި މެނޭޖްކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އުފެއްދުންތެރި ގޮތްތައް ބޭނުންކުރުން ފަދަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުވަނީ ރާއްޖެއާއި އަދި އެނޫނަސް އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުން އެއް ޤައުމު އަނެއް ޤައުމުގެ މަސައްކަތްތަކުން ފިލާވަޅާއި ޢިބުރަތް ލިބިގަނެ ކުރިއަށް މަސައްކަތް ކުރަމުންދާ މަންޒަރަކީ އުއްމީދުން ފުރިގެންވާ މަންޒަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ އެ ހުރިހާ ޤައުމެއްގެ ކުރިއެރުމާއި، ލާބައިގެ އިތުރުން މުޅި ސަރަޙައްދަށްވެސް ފައިދާކުރަނިވިކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ޒަމާނުއްސުރެ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙަވެރި އަވަސް ޙައްލެއް ގެނައުމުގެ މުހިންމުކަންވެސް ފާހަގަކުރެވިއެވެ.

މި ޕްލީނަރީގެ ހަވާސާފައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އަޒަރުބައިޖާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްއާއި އެކުވެރި ޢަރަބި އިމާރާތުގެ ޤާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސާ ބައްދަލުކުރައްވަން ހަމަޖެހިފައެވެ.

މި ޕްލީނަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން