އެޗްޑީސީން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދެވެ.

މި ޕްރޮގަރާމަކީ އެޗްޑީސީން ހިންގި 6ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްރީނުވުމުގެ ފުރުސަތުވެސް އެޗްޑީސީން ވަނީ ހޯދައިދީފައެވެ. މިއަހަރު ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި 75 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.

6 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 10 ދާއިރައަކުން ބައިވެރިން ތަމްރީނު ކުރިއެވެ. މީގެތެރޭގައި ހެވީވެހިކަލް، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.

އެޗްޑީސީން ވަނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއްވެސް ދީފައެވެ. މި އެލަވަންސް ބައިވެރިންނަށް ދިނުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގެ ފަރާތުން ފައިސާގެ އެހީތެރިކަންވަނީ ލިބިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުންކަމަށެވެ.

މީގެއިތުރުން މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން