ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަށް ގަބޫލު ނުކުރައްވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އެ ޓީމުގެ ފަރާތުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ސޮއިކުރައްވާ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލަ ލަސްވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި، ޒިންމާދާރު، އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި، ޤާނޫނުގެ ވެރިކަން ދަމަހައްޓަން ތިބި ބައެއް ކަމަށްވާއިރު، މިނިވަން ޖުޑިޝަރީއެއްގެ އެންމެ އަސާސީ އެއް ސިފައަކީ، އެއްވެސް ބިރެއް، ޖެހިލުމެއް ނެތި، އަދި ވަކި މީހަކަށް ވީތީ ތަފާތު ކުރުމެއް ނެތި އަދި، އެއްވެސް ދިމާލަކުން އަންނަ ފިއްތުމަކަށް ނުފޫޒަކަށް ނުލެނބި މައްސަލަތައް ހަމަހަމަ ކަމާއި ޢަދުލުވެރި ކަމާއެކު ނިންމާލުން." އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އިންތިޚާބުތަކާ ދިމާކޮށް، ރައީސް ޔާމީނުގެ މައްސަލައިގެ އިސްތިއުނާފު ކޯޓުތަކުން ލަސްވާތަން ފެންނައިރު، ރައީސް ޔާމީނުގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމާ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ޙުކުމް ޖަހާތަންވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެ ކަންކަމަށް ބަލާއިރު ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން