ކުނި ނެގުމަށް ޚާއްޞަ 48 އުޅަނދެއް ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޖަޕާނު ސަރުކާރުން މި އުޅަނދުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްފައިވަނީ ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާޙް ކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި މިއަދު ބޭއްވި މިރަސްމިއްޔާތުގައި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި، ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން އިޢުލާނުކޮށްދެއްވުންވެސް އޮތެވެ.

‎ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" އަކީ ސަރުކާރުގެ ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި، އިޢުލާނުކޮށް ތަންފީޒުކުރަން ފެށުމުގެ ވަޢުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

‎އެގޮތުން ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްޤީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނިގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން