ދަރިމައިވުމުގެ މައްސަލަތަކަށް އައިވީއެފް އަދި އައިޔޫއެފްގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ލިބޭނެ އުސޫލު އެކުލަވާލައި، މޯލްޑިވްސް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެ އުސޫލު އާންމުކޮށްފި އެވެ.

އާސަންދައިގެ ދަށުން ދަރިމައިވުމުގެ ފަރުވާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.

އެންސްޕާއިން ރޭ އާންމުކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި އެ ފަރުވާ އާސަންދައިގެ ތެރެއިން ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެވެ.

އެގޮތުން ފަރުވާއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާން ޖެހޭއިރު ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައި ވާން ޖެހޭނެ އެެވެ. އަދި އައިޔޫއެފް ހަދާނަމަ އަންހެން މީހާގެ އުމުރުން 25 އަހަރާއި 41 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭއިރު ފިރިމީހާއަށް 55 އަހަރު ފުރިގެން ނުވާނެކަމަށް އުސޫލުގައި ވެއެވެ. އަދި އައިވީއެފް ފަރުވާ ނަގާނަމަ އަންހެން މީހާގެ އުމުރުން 30 އަހަރާއި 41 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ފިރިމީހާއަށް 55 އަހަރު ފުރިގެން ނުވާނެކަން ވެސް އުސޫލުގައި ވެއެވެ.

ހަމަ އެހެންމެ ފަރުވާއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުންނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

މީގެއިތުރުބް އެ ފަރުވާ ނެގޭނީ ގިނަވެގެން ތިން ބުރަށް ދެ އަހަރުގެ މުއްދަތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

މި ފަރުވާތަކަށް އެދުމުގެ ފުރުސަތު އަންނަ މަހު 15ގައި ހުޅުވާލާނެ ކަމަށް އެންސްޕާއިން ބުނެއެވެ.

ފަަހަކަށް އައިސް ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އަދި މިއީ ގިނަ ބަޔަކު ފަރުވާ ހޯދަން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ވެސް ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން