ރައްޔިތުންގެ މަޖިލީހުން އެއްވެސް އަސާސެއް ނެތި ސަރުކާރަށް އެކި ފިއްތުންތައް ކުރިމަތިކުރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ މައްޗަށް ބާރު ފޯރުވޭ ފަދަ ނިޒާމެއް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބަކުން ވެރިއަކު ހޮވާފައިވާއިރު ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ފުރުސަތު ނުދީ އެއްވެސް އަސާސެއް ނެތި އެއަށް ހުރަސް އެޅޭނެ ނިޒާމެއްގެ ތެރެއިން ކަންކަން ހިންގާގޮތަށް މަޖިލިސް އޮންނަ އޮތުމާ ގުޅޭގޮތުން ރައްޔިތުން ގޮތެއް ނިންމަން ޖެހޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރާ ތަނަކަށް މަޖިލިސް ބަދަލުކޮށްލެވޭނެކަމަށާއި، ނަމަވެސް އެކަން ކުރުމުގެ ބާރު އޮންނާނީ ރައްޔިތުންނަށް ކަމަށެވެ. ރައީސް ވަނީ 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ގާނޫނުތައް އިސްލާހުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ގެދޮރުވެރިކަމާއި ގުޅޭ ބިލުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިގްތިސާދު ފުޅާކުރާނެ ގޮތާއި ދަރަނިކުޑަކޮށް މިހާރު ބުރި ދަރަނިތައް އެއަނބުރާ ދައްކާނެ ގޮތް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް އައިއެމްއެފުން ބަލައިގެންފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ މި ހުރިހާ ކަމެއް ރަނގަޅު މަގުން މިގޮތަށް ބައްޓަން ކުރެވިގެންދާއިރު އެއަށް މަގުފަހިކޮށްދޭން އެކަން ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަކަށް މަޖިލިސް ހެދުމަށް ނިންމާނީ ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން