ރާއްްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމުގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިޤްތިޞާދު ހަރުދަނާކުރުމަށް އެކި ފިޔަވަަޅުތައް އަޅަމުން ގެންދާ ކަމަށާއި އެ މަސައްކަތާއެކު ޑޮލަރުގެ މައްސަލަ އާއި އިގްތިސާދީ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިޤްތިޞާދު ހަރުދަނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާއެކު މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބެމުންދާކަމަށެވެ.

ފައިނޭންސިން ދާއިރާއާއި ހަކަތައިގެ ދާއިރާއިން އިތުރު އިންވެސްޓްމަންޓްތައް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދު ކޮޅަށް ޖެހުމަށް އެޅި އެންމެ މުހިންމު ފިޔަވަަޅަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށެވެ. އަދި އެކަން އައިއެމްއެފުން ފާހަގަކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިގްތިސާދު ހަރުދަނާ ކުރުމާއެކު އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އިޤްތިޞާދީ ސިނާއަތްތައް ކުރިއެރުވުމަށްވެސް މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތްތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް އަންނާނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން