އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިއާއާއި ރާއްޖެއާއި ސްރިލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ މިއަހަރުގެ "ދޯސްތީ އެކްސަޒައިސް" އިފްތިތާޙުކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވީ އިންޑިއާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ ރައީސް މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ޣައްސާން ވިދާޅުވީ އިންޑިއާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނަ ކަމަށާއި ސަރަހައްދީ ޤައުމުތައް ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ކަމަށެވެ.

އެހެންކަމުން ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ކަނޑުމަތީގައި ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ޣައްސާން ފާހަގަކުރެއްވިއެވެ.

އެކްސަސައިޒް ދޯސްތީއަކީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިޔާއާއި ރާއްޖެއާ ގުޅިގެން 1991 ވަނަ އަހަރު ފެށި ޕްރޮގުރާމެކެވެ.

އެކްސަސައިޒް ދޯސްތީގެ މަޤުސަދަކީ ޤައުމުތައް ގުޅިގެން އިންޑިއާ ކަނޑުގައި ސާޗް އެންޑް ރެސްކިޔު ނުވަތަ މީހުން ހޯދާ ސަލާމަތްކުރުމާއި ސިއްޙީ ކަންކަމުގައި މީހުން އުފުލުމާއި ކަނޑު ފޭރުމުގެ ކަންކަން ހުއްޓުވުމާއި ކަނޑުމަތީގައި ދިމާވާ އެކި ކަންކަމުގައި އިންސާނީ އެހީ ފޯރުކޮށްދިނުންފަދަ ކަންކަން ކުރިއަށް ގެންދިޔުން ކަމަށް ޑިފެންސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން