ޒަހީނުއްދީން ސަޢީދު   24 ފެބްރުއަރީ 2024 - 18:10
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރައީސްގެ މިދަތުރުފުޅަކީ ހަ ދުވަހުގެ ދަތުރުފުޅެއް ކަަމަށް ރައީސް އޮފީހުން ބުންޏެެވެ. ރައީސް ޒިޔާރަތް ކުރައްވާ ސިޓީއާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަތޮޅުތަކަށް ފުރަތަމަ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ރޯދައިގެ ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު މީގެ ކުރިން ވަނީ އައްޑޫ ސިޓީ، ފުވައްމުލައްސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. ގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން