ރާއްޖެއިން ބޭރުގައި އައްޑޫ ސިޓީ އިޝްތިހާރު ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް ވިދާޅުވީ އައްޑޫ ރާއްޖެއިން ބޭރުގައި އިޝްތިހާރު ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތައް ވަކިން އިޝްތިހާރުކުރުމުން ގެންގުޅޭ ޕްލޭންގެ ދަށުން ކަމަށެވެ.، އަދި އެކަމާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީއާއެކު މަޝްވަރާތަކެއް ވެސް ކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޑޮކިއުމަންޓްރީއެއް ވެސް ތައްޔާރުކޮށް ރާއްޖެއިން ބޭރުގެ ޗެނަލްތަކުގައި ވެސް އިޝްތިހާރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ޑައިވިން ސެންޓަރުތަކާއި އަދި ވޯޓާ ސްޕޯޓްސް ސްނެޓަރުތައް އިތުރަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ އައްޑޫސިޓީ ހުޅުދޫ މީދޫ ބްރިޖާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމާއެކު ފަތުރުވެރިކަން ފުޅާކޮށް އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ.

އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް 8000 އެނދު އިތުރުކުރާނެ ކަމަށް ކުރީ ސަރުކާރުން ވައުދުވި އެވެ. ނަމަވެސް އެއާ ގާތަަށް ވެސް އެނދުތައް އިތުރު ކުރެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން