އަންނަ މަހު ބާއްވަން ތާވަލުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އޮފިޝަލުން ތަމްރީންކުރަން ޓްރެއިނަރުން ތަމްރީންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޓްރެއިނަރުން ތަމްރީން ކުރުމަށް މި މަހުގެ ހަތަރަކުން 17އަށް މާލޭގައި ބޭއްވި ތަމްރީން ޕްރޮގްެރާމްގައި ބައިވެރިވި 65 ބައިވެރިޔަކު ސެޓްފިކެޓް ހާސިލުކޮށްފައިވާ ކަމަށެވެ

އެ ޓްރެއިނިން ޕްރޮގްރާމް ނިންމި ބޭފުޅުން ފާދިއްޕޮޅު، މާލެއަތޮޅު، ފެލިދެއަތޮޅު އަދި މާލެސިޓީ ފިޔަވައި، ރާއްޖޭގެ ހުރިހާ ސިޓީ ތަކާއި، އަތޮޅުތަކުގައި ގާއިމްކުރާ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓު ގުނުމުގެ މަސައްކަތްކުރާ އޮފިޝަލުންނަށް ކަންކުރާނޭގޮތުގެ މަޢުލޫމާތާއި އިރުޝާދު ދިނުމުގެ ޕްރޮގްރާމް މިއަދު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ އޮފިޝަލުން، އެ ބޭފުޅުންނާ އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރެވޭ ޒިންމާ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރާނޭކަމުގެ އިގްރާރުގައި ސޮއިކުރައްވާނެ ކަމަށެވެ.

"މި އިގްރާރުގައި ސޮއިކުރެއްވުމަށްފަހު، އެއްވެސް އޮފިޝަލަކު، ކެމްޕޭންގެ އެއްވެސް ޙަރަކާތެއްގައި ނުވަތަ ސިޔާސީ އެއްވެސް ކަމެއްގައި، އުޅުއްވުމަކީ ހުއްދަ ކަމެއްނޫން. ވަކި ފަރާތަކަށް ނުޖެހި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މި މަސައްކަތް ހުރިހާ އޮފިޝަލުން ކޮށްދެއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ވަރަށްބޮޑު އެދުމެެއް."ހަބީބް އިތުރަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވާށެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ކުރީކޮޅާ އެވެ. ނަމަވެސް ރޯދަ މަހާ ދިމާވާނަމަ، އެ އިންތިހާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން މި މަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް އެ ބިލު އަދި ތަސްދީގެއް ނުކުރެއެވެ.

އެހެންވެ ރޯދައިގެ ފަހުން އިންތިހާބު ބާއްވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން