ރައްޔިތުންނަށް ކުރިއެރުން ލިބުމާއި ނުލިބުން ބިނާވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރާގޮތުގެ މައްޗަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. ވަށަފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މިޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ހިންގަވާ ތަރައްގީގެ މަސައްކަތްތަށް ކުރިއަށް ގެންދިޔުމަށްޓަކައި މަޖިލީހުގެ މެމްބަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މަޖިލީހުގެ މެމްބަރުންގެ އެހީތެރިކަމާއި އެެއްބާރުލުން ލިބުމާއި ނުލިބުމަކީ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ތާއިދު ކުރާ ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ރައްޔިތުންނަށް އޭގެ ކުރިއެރުން ލިބުމާއި ނުލިބުން ބިނާވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންކަން ނިންމަވާ ގޮތަކަށް، އެހެންވީމާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ ސަރުކާރުގެ ވިސްނުމުގައި ތިބި މެމްބަރުންތަކެއް ތިބޭފުޅުން ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ހޮއްވެވުމަކީ އަޅުގަނޑު ހަމަ ޔަގީން ކުރަން ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް،" ބައްޕާފުޅު ޝައިހް ހުސައިން އަބްދުއްރަހްމާންގެ އުފަން ރަށުގައި ހުންނަވައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ބަޖެޓުގައި ފަށާފައި ހުންނަ މަޝްރޫއުތައް ނިންމަން އެކަށީގެންވާ އަދަދެއްގެ ފައިސާ ހިމަނާފައި ހުންނަ ކަމަށާއި އެހެން ނަަމަވެސް މިއަހަރުގެ ބަޖެޓް ފާސްކުރިއިރު މަޝްރޫއުތައް ހިންގަން ބަޖެޓުގައި އެކަށީގެންވާ ފައިސާ ހިމަނާފައިނުވާ ކަމަށެވެ. އަދި ރަށްރަށުގެ ކުރިން ހިނގައި ހިނގައި ހުރި މަޝްރޫއުތައް ނުހިންގިގެން އުޅެނީ އެހެންވެގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަޖެޓުގެ ތާށީކަން ހުރި ނަމަވެސް މަސައްކަތްތައް ނިންމަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ފެށުމާ ނުފެށުން ބިނާވަނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކަށް ކަމަށާއި އިގްތިސާދު މެނޭޖްކޮށް ހަރަދުތައް ދެކޮޅު ޖައްސައިގެން އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ އެއްވެސް ރަށެއް ތަފާތުނުކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން